ދެބަދުނާމް ފެށުން
ނާހިދާއި މާހު ވާހަކަދައްކަން ތިބީ ރަށުގެ އުތުރުފަރާތު އަތިރި މަތީ ސަރަހައްދުގައިވާ ގަހެއްދަށު ހަދާފައިވާ
ޖޯލިފައްޗެއްގަ އެވެ. ވަގުތަކީ މެންދުރުގެ އެންމެ އަވިބާރު ވަގުތު ނަމަވެސް އެހިސާބުގައިވާ ގަސްތަކުން ޖޯލިފައްޗަށް ހިޔާއެޅިފައި ވާތީއާއި ޖެހެމުންދާ ހިތްގައިމުވައިގެ ސަބަބުން ހޫނުކަމުގެ އެއްވެސް އަސަރެއް ނާހިދާއި މާހަށް ނުކުރާ ކަހަލައެވެ.
” އަހަރެންނަށް ސެނާ ނުލިބުނީ ކީއްވެ ؟ އަހަރެންވެސް ސެނާ ދެކެ ލޯބިވިން. އަހަރެންނަށްވުރެ ބޮޑަށް އޭނާ ދެކެ ލޯބިވާ މީހަކު ނުހުންނާނެ. ދެން ކީއްވެ އަހަރެންނަށް ނުލިބޭންވީ ؟ ” ހާސްކަމާއި މާޔޫސްކަމުން ހަތަރު އުދަރެސް ފެނު ޖެހިފައިވާ ފަދައަކުން ރޮވިފައި އިނދެ މާހު ވާހަކަދައްކަމުން ދިޔައިރު ނާހިދު އެވާހަކަތައް އަޑުއަހަމުން އެކަމާ ވިސްނަމުން ގެންދިޔައެވެ.
” ސަބަބަކީ މާހުގެ ފަގީރުކަން….. ” އެތައްއިރަކު ވިސްނާން އިނުމަށްފަހު، ބުނަން ކިތަންމެ ބޭނުން ނުވި ނަމަވެސް މަޑުމަޑުން ނާހިދުބުނެލިއެވެ. ނުވަތަ ބުނެވުނީއެވެ. އެއީޙަޤީޤަތް ކަމަށްވާތީ ވެސް މެއެވެ. އެކަން މާހަށް ވެސް ގަބޫލު ކުރެވެއެވެ.
މާހު މަޑުމަޑުންދެލޯ މަރާލަމުން މާޒީއަށް ވިސްނުން ދޫކޮށްލިއެވެ.
މާހާއި ސެނާ ބައްދަލުވީ ރަށުމަދަރުސާ ގުރޭޑް އަށެއްގައި ތަޢުލީމު ހާސިލް ކުރަމުންދިޔަ އިރެވެ. އެހިސާބުން ފެށިގެން މާހުގެ ހިތުގައި ސެނާގެ ސޫރަ ކުރެހި އޭނާއާ މެދު ޝަޢުޤުވެރިކަން އުފެދިގެން ދިޔައެވެ.
ހިމަތޮޅި ކުލަދޮން ހަށިގަނޑަކާއި އާދައިގެ އިސްކޮޅެއް ލިބިފައިވާ ސެނާއަކީ އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް ތަޢުރީފްކުރުން ހައްޤުވާފަދަ ފުރިހަމަ އަންހެން ކުއްޖެކެވެ. އައިބެއް ފާހަގަނުކުރެވޭ ފުރިހަމަ ބައްޓަންތަކާއި ވަނާތަކުގެ އިތުރުން އޭނާއަށް ލިބިފައިވާ ފަންއިސްތަށިގަނޑަކީ ވެސް އޭނާގެ ރީތިކަމަށް އިތުރުފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ. ހިތިފަތުބުމައާއި ފިނިފެންމަލެއްފަދަ ދެތުންފަތުގެ އިތުރުން މީހުން މަސްތުވާފަދަ އެމަސްތީލޮލަކީ ވެސް އޭނާއަށް ލިބިފައިވާ އިތުރުފުރިހަމަ ކަމެކެވެ.
ސެނާއަކީ ރަށުގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ޖުމާނާއާ ރިސާލުގެހުރި ހަމައެކަނިދަރިފުޅެވެ.
އޭނާގެއާއިލާގެ ތަނަވަސްކަމާ މުއްސަނދިކަން އޭނާގެ ކިބައިން ވަރަށްބޮޑަށް ފާހަގަކުރެވެއެވެ.
މިހާރުވެސް ސެނާގެލޯތްބަށްއެދި އާދޭސްކުރަމުން އޭނާގެފަހަތުން ހިނގަމުންދާ އެތައް ޒުވާނުންނެއް ރަށުގައި އެބަތިއްބެވެ. އިރުއަރާ އޮއްސޭ ކޮންމެފަހަރަކު އެފަދައެތައްމެސެޖެއް ސެނާއަށްލިބެމުންދެއެވެ. އެހެނަސް އެއިން އެއްވެސްކަމަކަށް ސެނާ އަޅައެއް ނުލައެވެ.
އެއްކުލާހެއްގައި އުޅެމުންދިޔައިރު މާހު މަސައްކަތް ކުރަމުންދިޔައީ ސެނާއާ ކުޑަނަމަވެސް ގުޅުމެއް އުފެއްދޭތޯ އެވެ. އެހެންގުޅުމެއް ފަށާން ބޭނުންނަމަ އޭގެ ކުރިން ރަހުމަތްތެރިކަމުގެ ގުޅުންއުފެއްދުން މުހިންމުކަމުގައި މާހު ދެކެއެވެ. ހަމައެހެންމެ ރަހުމަތްތެރިކަމުގެ ގުޅުމުގެތެރެއިން އެގުޅުމެއްއުފައްދާން ފަސޭހަވާނެ ކަމުގައިވެސް މާހަށް ވިސްނެއެވެ.
ސެނާ އާއި ރަހުމަތްތެރިކަން އުފައްދާން މާހު ކިތަންމެ ބޭނުން ނަމަވެސް، މާހަށް އެފުރުސަތުދޭކަށް ސެނާ ބޭނުމެއްނުވެއެވެ. ސެނާގެ ރަހުމަތްތެރިންނަށް ނަޒަރު ހިންގާލިޔަސް ފާހަގަކުރެވެނީ ތަނަވަސްކަމާއި ފޯރުންތެރިކަމުގެ އަހުލުވެރިން ނެވެ.
މާހަކީ ރަށުފެންވަރުން ބަލާއިރު ވަރަށްއާދައިގެ ދެމަފިރިއަކަށް ލިބިފައިވާ ހަތަރުކުދިންގެ ތެރެއިން ދެވަނައަށް ދޮށިކުއްޖާއެވެ. މާހުގެބައްޕަ ކާސިންފުޅަކީ ކެޔޮޅެކެވެ. މާހުގެ އިތުރުން އޭނާގެބޭބެއާއި ދެކޮއްކޮ ވެސް ކިޔަވަނީއެވެ. އެހެން ކަމުން ކާސިންފުޅަށް ހަމައެކަނި ފައިސާއިން ފުއްދާލައިގެން އެއާއިލާއަށް އުޅެވެނީ ހަމަކިރިޔާއެވެ.
ސެނާއާ ކޮންމެވެސްވަރެއްގެ ރަހުމަތްތެރިކަމެއް އުފެއްދޭތޯ މާހު ކުރަމުން އައި މަސައްކަތަށް އެއްވެސް އަލިމަގެއް ނުފެނި ދުވަސްތައް މާޒީ އާ އެކުވަމުން އައިސް އަހަރެއްހާދުވަސް ފާއިތުވެދިޔައިރުވެސް މާހުގެ މަޤްސަދުހާޞިލުވާގޮތެއް ނުވިއެވެ.
އިރުހަނދުގެ ދައުރުވުމާ އެކުހެން ދުވަސްތައް މާޒީ އާ އެކުވަމުން އައިސް މަދަރުސާތަކުގެ ބޮޑުޗުއްޓީ ދުވަސްވަރެވެ.
ސެނާއާ ރަހުމަތްތެރިކަންއުފައްދާން މާހުކުރަމުންއައި މަސައްކަތަށް އަލިމަގެއްނުފެނި، ސެނާ ހާޞިލް ކުރުމަށް ޓަކައި ކުރަމުންއައި މަސައްކަތަށްވެސް އަލިމަގެއް ނުފެނުމުން، އޭނާގެ ޚިޔާލު އެހެން ކޮންމެވެސް ގޮތަކަށް ބަދަލުކޮށްލުން ރަނގަޅުކަމުގައި މާހު ނިންމިއެވެ.
އިރުއޮއްސުނީއްސުރެ މާހު ތައްޔާރުވަމުން ދިޔައީ ހަތެއް ޖަހާނެ ވަގުތަކަށެވެ. ފެންވަރާ ތާޒާވެލައިގެން މާހު ގެއިންނުކުތީ ކޮން މަޤުސަދެއްގައިކަން އޭނާ ފިޔަވާ އެހެންމީހަކަށް ނޭނގޭނެއެވެ.
އާދައިގެ ހިނގުމެއްގައި މަގުތަކާއި ގޯޅިތައް ކަޑަތުކުރަމުން ގޮސް މާހު މަޑުކުރީ، މާދުރުނޫން ހިސާބަކުން ސެނާމެންގޭ ދޮރޯށިފެންނަ ހިސާބުގައެވެ.
މާހު އެތަނުގައި ހުރެގެން ސެނާ ފެންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުންދަނިކޮށް ސެނާ ގެއިން ނުކުމެއްޖެ އެވެ. ކުރިއްސުރެ ރާވާފައިވާގޮތަށް ކަންތައް ކުރުމަށްޓަކައި ވަގުތުތައް ބޭކާރު ކޮށްލުމެއްނެތި އަވަސް އަވަހަށް ސެނާއާ ދިމާއަށް މާހު ހިނގައިގަތެވެ.
އާދައިގެހިނގުމެއްގައި ހިނގަމުންދިޔަ ސެނާއަކަށް އޭނާގެފަހަތުން މީހަކު އަންނަކަމެއް ނޭނގެއެވެ.
ސެނާ ސިއްސައިގެން ދިޔައީ ކޮންމެވެސްމީހަކު އޭނާގެ އަތުގައި ހިފާ ފަހަތަށް ދަމާލުމުންނެވެ. ސެނާ ހުރީ އެފަދަކަމަކަށް ވިސްނައިގެން ނޫން ކަމަށްވާތީ ބޭއިޚްތިޔާރުގައި ފަހަތަށް ގޮސް އެމީހާގެ ގައިގައި ލެގެވިއްޖެއެވެ.
” ސެނާ! އަހަރެން ސެނާ ދެކެ ވަރަށްލޯބިވޭ.. އާދޭސްކޮށްފައި ބުނަން އަހަރެންނަށް ފުރުސަތެއްދީ ބަލަ. ނޫނީ އަހަރެން …..” ސެނާގެ ކަންފަތާއި މާހުގެ އަނގަކައިރިކޮށްލަމުން މާހު ދައްކާންފެށިވާހަކަ ނުނިމެނީސް ސެނާ އޭނާއާ ދުރަށް ޖެހުނެވެ.
ނުނިމޭ
” ސެނާ! އަހަރެންނަށް ފުރުސަތެއްދީ… އަހަރެން ސެނާ ދެކެ ވަރަށް ލޯބިވޭ…. އަހަރެންގެ ހުރިހާ ވެސް އުންމީދަކީ ތިއީ. އަހަރެންނަށް ތިހާ ނަފްރަތު ނުކޮށްބަލަ. ” ސެނާއާ ދިމާއަށް ބަލާންހުރެ އާދޭސްކުރާ ފަދައަކުން މާހު ވާހަކަ ދެއްކި އެވެ.
” އަތުންދޫކޮށްލާ .. މިހާރު ކިތައް ފަހަރު ބެނެފިން މާހު ތިއީ އަހަރުމެން ފެންވަރެއްނޫނޭ … އަހަރެން މި އިންތިޒާރުކުރަނީ އަހަރެންފަދަ މީހަކަށް … ތިކަހަލަފަގީރަކު އައިސް އަހަރެމެންގެ މުއްސަނދިކަމުގެ ތެރެއަށް ފުންމާލައިގެން އެކަމުގެ ފައިދާނަގަން ރުހެވޭނީ ކިހިނެތް. ލަދެއްވެސް ނުގަނޭތަ ؟. ފެންވަރު ހަނދާން ކޮށްލާފައި ނަމަވެސް ތިޔަ ހިޔާލު ދޫކޮށްލާ. ” މާހުގެއަތުން އަތްދަމައިގަންނަމުން ރުޅިވެރިކަމާއެކު ސެނާ އެއްޗެތިކިޔައި ގަތެވެ. އޭރު އޭނާގެ އަޑުންނާއި ހަރަކާތުން ވެސް ފާޅުވަމުން ދިޔައީ ރުޅިއާއި ނަފްރަތުގެ އަސަރުތަކެވެ.
މާހާއި ދިމާއަށް އެއްޗެތި ކިޔާލުމަށްފަހު އޭނާ އަށް ބަލާލުމެއް ވެސް ނެތި ސެނާ ހިނގައްޖެއެވެ.
ކޮންމެ ސައުވީސްގަޑިއަކުން ދުވަހެއް ފާއިތުވަމުން އައިސް ހުކުރު ވިލޭރޭގެ ނުވައެއް ޖަހާކަން ހާއިރެވެ. މާހު އޭނާގެ އާދައިގެންމަތިން ސެނާއާ ބައްދަލުވޭތޯ އެގެކައިރިއަށް ދިޔައެވެ. މާހުގޮސް ދުރުދުރުން ބަލާލިއިރު އެގޭ ދޮރޯށިކައިރީގައި ކޮންމެ ވެސް ދެޒުވާނަކު ތިއްބާފެނުމުން ކުޑަކޮށްހައިރާންވެ ސުވާލުއުފެދޭގޮތްވިއެވެ. އެހެންވެ މާހު ބޭނުންވީ އެއީކޮންބައެއްކަން ޔަގީންކުރާށެވެ. ވަރަށް ފަރުވާތެރިކަމާ ސަޢުގުވެރިކަމާއިއެކު މާހު ބެލިބެލުމުން އެނގި ޔަގީންވީ އެއީ ސާމާއި ސެނާ ކަމެވެ.
ސާމަކީ ރަށުބޮޑުކަތީބުގެ ދަރިފުޅެވެ. ސާމުގެ ކިބާގައި އިއްޒަތާ ގަދަރާ ތަނަވަސްކަން ހުރި ނަމަވެސް ސާމަކީ އަހުލާގީގޮތުން ބަލާއިރު އެހާ ރަނގަޅު ޒުވާނެއްނޫނެވެ. މާލެއިން ތަޢުލީމު ހާޞިލްކޮށްގެން ރަށަށް އައިސް ހުންނަނީ އަތުންފައިން އެއްވެސްކަމެއް ނުކޮށެވެ. ސާމު ގަބޫލު ކުރާގޮތުގައި އޭނާ މަސައްކަތް ކުރުމަކީ އެހާ މުހިންމުކަމެއް ނޫނެވެ. އޭނާ މަސައްކަތެއް ނުކުރިޔަސް އޭނާގެ އާއިލާގެ ތަނަވަސްކަމުގައި އޭނާ ބޭނުންގޮތަކަށް އުޅެވޭނެއެވެ. ކަންތައްވަނީ ވެސް އެހެންނެވެ. އަތުންފައިން އެއްވެސް މަސައްކަތެއް ނުކުރިޔަސް އޭނާ ބޭނުންއިރަކު ބޭނުން ހޮޓަލަކުން ކޮފީބުއިމާއި އަބަދުހެން ސިނގިރެޓްބުއިމަށް ބޭނުން ވަރަކަށް އޭނާގެ މަންމަ ފައިސާ ދެމުންދިޔައެވެ. ރަށުގައިތިބި ފުރާވަރުގެ ގިނަ އަންހެން ކުދިންނަށް އުނދަގޫކޮށް ޖެއްސުންކުރުމަކީ ވެސް އޭނާގެ އާދައެކެވެ.
ސެނާއާއި ސާމުގެހަރަކާތްތަކަށް ބަލަހައްޓައިގެން މާހު ހުރިއިރު އެދެޒުވާނުންގެ އަމަލުތައް ހުރިގޮތުން އެއީ ދެލޯބިވެރިކަން ޔަގީން ވެއެވެ. ހަމައެހެންމެ އެދެމީހުންގެ އަމަލުތަކަށް ބަލަހައްޓައިގެން މާހު ހުރިކަމެއް އެދެމީހުންކުރެ އެކަކަށް ވެސް ނޭނގެއެވެ.
” އަހަރެންމި އިންތިޒާރުކުރަނީ އަހަރެން ފެންވަރުގެ މީހަކަށް. ” ކުއްލިއަކަށް މާހުގެ ހަނދާނަށް އައީ އޭނާއާ ދިމާއަށް ތަކުރާރުކޮށް ސެނާ ބުނެފައިވާ އެ ޖުމްލައެވެ. ހަމައެހެންމެ އެޖުމްލައިގެ ތެދުކަމެވެ. މާހު ގާތު ސެނާ ބުނިފަދައިން ސެނާގެ ހަޔާތުގެ ބައިވެރިއަކަށް އިޙްތިޔާރުކޮށްފައި އެވަނީ އޭނާގެއާއިލާފަދަ ތަނަވަސް ޢާއިލާއެއްގެ މެންބަރެކެވެ.
ސެނާއާ ސާމުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދިހަވަރަކަށް މިނިޓްހުރުމަށްފަހު، ލިބުނުމާޔޫސްކަމާއި ހިތްދަތި ކަމުގަ ކަރުނައޮހޮރަމުން މާހު ހިނގައިގަތީ ގެއާދިމާ އަށެވެ.
ދުވަސްތައް މާޒީއާއެކުވަމުން ދާވަރަކަށް ސެނާއާ ސާމުގެ ލޯބީގެ ގުޅުންވަރުގަދަވަމުން އެވާހަކަތައް ރަށުތެރެއަށް އާންމުވަމުން ދިޔައެވެ. އެހެނަސް އެކަމުގެ ސަބަބުން މާހުގެއުންމީދުތަކަކަށް ހީނަރުކަމެއްނާދެއެވެ. އޭނާއަށްލިބޭ ކޮންމެފުރުސަތެއް ގައި ސެނާއަށް ލޯބި ހުށަހަޅަމުން އެކަމަށްޓަކައި އާދޭސްކޮށް ސަލާންޖަހަމުން ގެންދިޔައެވެ.
ހޮނިހިރު ދުވަހެއްގެ ހެނދުނު ވަގުތެވެ. މަދަރުސާ ބަންދުދުވަސް ދުވަހު ރަށުގޮނޑުދޮށަށް ގޮސް މަސް ބޭނުމަކީ މާހު އާންމުކޮށް ކުރާ ކަމެކެވެ. އެގޮތުން މިއަދު ވެސް މާހު ހުރީ ރަށުގޮނޑުދޮށުގައި މަސްބާނާށެވެ. މަސްބޭނުމާއިގެން މަޝްޣޫލްވެ ހުރި މާހު ސިއްސައިގެންދިޔައީ ކޮންމެވެސް މީހަކު އެދިމާ މޫދަށް ގައުތަކެއް އުކައި މަސްތައް ފައްސާލުމުންނެވެ. ލިބުނު ހައިރާން ކަމާއެކުގައި މާހު އަވަސްއަވަހަށް ފަހަތަށް ބަލާލިއިރު އެދިމާ އެއްގަމުގައި ސާމާއި އާއިނު ތިއްބެވެ. އާއިނަކީ ސާމުގެ އެންމެގާތް ރަހުމަތްތެރިޔާއެވެ.
ސާމާއި އާއިނަށް ބަލަހައްޓައިގެން ކުޑައިރުކޮޅަކު ހުރުމަށްފަހު މާހު އަނެއްކާ ވެސް އޭނާގެ މަސައްކަތް ފެށިއެވެ. އެހެނަސް ސާމާއި އާއިނު އަނެއްކާ ވެސް ގައު އުކާން ފެށުމުން މާހު މަސް ބޭނުމުގެ މަސައްކަތް ހުއްޓާލިއެވެ.
” މިތަނަށް އެއްޗިސް ނޫކަބަލަ .. އުނދަގޫވެޔޭ. ތިހެން ހެދީމަ މަސްތައްވެސް އެދަނީ ” ސާމާއި އާއިނުއަށް ބަލާލަމުން މާހު ވާހަކަދެއްކިއެވެ.
” އަހަރެމެންނަށްހެޔޮ ކަލެޔަށް މަސްނުބޭނުނަސް… އަހަރެމެން ގޭގައި މަސްއެބަހުރި. އެނިމުނީނު. ” މާހާއި ދިމާއަށް ބަލާލަމުން ފޮނިގޮތަކަށް އާއިނު ބުނެލިއެވެ. ރަށުއެންމެން ދަންނަފަދައިން އާއިނުގެ ބައްޕައަކީ ރަށުކަތީބުގެ މަސް ދޯނީގެ ކެޔޮޅެވެ. ރަށުމީހުންކިޔާ ކެޔޮޅުހުސޭނެވެ.
” ކަލެޔާ ހެދި އަހަރެންނަށް ވެސް އުނދަގޫވޭ. އަހަރެމެން ކަލޭ ދޫކޮށްލާނީ ސަރުތެއްގެ މަތިން …. އެކަމާ އެއްބަސްވަމުން ސިނގިރޭޓެއް ބޯލަންވީނު އޭރުން ކޫލް ވެދާނެ … ” މާހާއި ދިމާއަށް ބަލާލުމަށްފަހު ޖީބުން ސިނގިރޭޓެއްނަގާ ރޯކޮށްލަމުން ސާމު ވާހަކަދެއްކިއެވެ.
” އަހަރެން ނޫޅެން ކޮންމެހެން ސިނގިރޭޓް ބޯކަށް … ތިބުނާ ސަރުތެއްގެ ވާހަކަ ބުނަންވީނު. ” ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލަމުން މާހު ވާހަކަދެއްކިއެވެ.
” މީގެފަހުން ދުވަހަކުވެސް ސެނާއަށް އުނދަގޫކޮށްގެން ނުވާނެ. އުނދަގޫކޮށްފިނަމަ އެކަމުގެބަދަލު ވަރަށް ހިތިވާނެކަން ހަނދާންކުރާތި. ” ރުޅިވެރިކަމާއެކު މާހާއި ދިމާއަށް ބަލާންހުރެ ސާމު ދެއްކިވާހަކަތަކަށް އެއްބަސްވެ އާނއެކޭބުނާ ފަދައަކުން މާހު ބޯޖަހާލިއެވެ.
މީގެފަހުން ދުވަހަކުވެސް ސެނާ އަށް އުނދަގޫ ނުކުރުމަށް މާހު އެއްބަސްވުމުން ސާމާއި އާއިނު ހިނގައްޖެއެވެ.
ސާމުގެ ހުށަހެޅުމަށް މާހު އެއްބަސްވެ އާނއެކޭބުނީ މީގެކުރިން ވެސް އޭނާ ސެނާއަށް އުނދަގޫކޮށްފައި ނުވާތީ އެވެ. ހަމައެހެންމެ ކުރިޔަށް އޮތްތަނުގައި ވެސް ސެނާއަށް އުނދަގޫކުރުމަކީ އޭނާގެމަޤުސަދަށް ނުވާތީއާއި އަބަދުވެސް އޭނާ މަސައްކަތް ކުރަމުންދިޔައީ ސެނާގެ ލޯބި ހޯދުންކަމަށްވާތީއެވެ
Ads go here

Comments