ސަރުކާރަށް ހަތަރެއް: "ކޮރަޕްޝަނާއި އަނިޔާވެރިކަން"


ބޮޑު ކޯލިޝަންއެއްގެ ތެރެއިން އުފަންވެގެން އައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަ މިއަދު ހަތަރު އަހަރު ވީއިރު ސަރުކާރު ގެންނަން މަސައްކަތް ކުރި ގިނަ ބޭފުޅުން ތިއްބެވީ ސަރުކާރާ ފެޔަށް ޖެހިފަ އެވެ. ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމުން ފެށިގެން ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ޖުމްހޫރީ ޕާޓީ ވެސް ހިމެނޭ ގޮތަށެވެ. އެއީ މިއަދު ސަރުކާރާ އިދިކޮޅު ފަރާތްތަކެވެ.

ހަތަރު އަހަރު ވީއިރު ސިޔާސީ އެތައް ބޭފުޅުންނެއް ތިއްބެވީ އެކި ހުކުމްތަކާއި ތުހުމަތުތަކުގައި ޖަލުގަ އެވެ. އަނެއް ބަޔަކު ގައުމުން ބޭރުގައި އަރުވާލެވިގެންނެވެ. ހާއްސަކޮށް ރައީސް ޔާމީނާ ވާދަކުރައްވާނެ ބޭފުޅުން ތިއްބެވީ ކޮންމެވެސް ގޮތަކަށް ބަންދެއްގަ އެވެ. އިދިކޮޅޫ އެމްޑީޕީން މި ސަރުކާރު ސިފަކުރަނީ "ކޮރަޕްޝަނުން ފުރިފައިވާ އަނިޔާވެރި ވެރިކަމެއް"ގެ ގޮތުގަ އެވެ.

މަޝްރޫތަކުގެ ފަހަތުގައި ކޮރަޕްޝަން

ސަރުކާރުގައި ޖެހިފައިވާ އެންމެ ބޮޑު ލައްގަނޑަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތެވެ. ރައީސް ޔާމީންގެ އަރިސް އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އިސްކޮށް ހުންނަވައި ހިންގެވި އެ ހިޔާނާތުގެ ސަބަބުން މުޅި ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ތަރައްގީގެ އެތައް މަޝްރޫއުއެއް ހިންގަމުން ގެންދިޔަ ނަމަވެސް އެ މަސައްކަތްތަކުގައި ކޮރަޕްޝަންގެ ބޮޑެތި މަައްސަލަތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވެ އެވެ.
ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވީ މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިޔާސަތަކީ ބޮޑެތި ވައްކަމާއި ހިޔާނާތް ކަމަށެވެ.
"ޕުރޮޖެކްޓްތައް ރޭވި ބައްޓަން ކޮށްފައިވަނީ ރައްޔިތުންގެ މަންފާއަށް ވުރެ ބޮޑަށް ސަރުކާރުގެ ވެރިންގެ ޖީބުތައް ބަރާކޮށްލެވޭ ގޮތަށް،" ނިޔާޒު ވިދާޅުވި އެވެ.
އުމްރާނީ ކޮންމެ ޕުރޮޖެކްޓެއް ވެސް ހިންގަނީ ހަމަ އަގަށް ވުރެ އިންތިހާއަށް އަގު ބޮޑުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑިމޮކްރަސީ ފުނޑުފުނޑު

ސަރުކާރުން އިސްވެ އޮވެ އަބުރުގެ ގާނޫނުގެ ނަމުގައި ހެދި ގާނޫނަކުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިފައިވާއިރު ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ފުރުސަތެއް ރައްޔިތުންނަކަށް ނެތެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ވެސް އެފުރުސަތު ނުދެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ޑިމޮކުރަޓިކް ހުރިހާ ހަމަޔަކާއި އުސޫލެއް ނައްތާލާފައިވާ ކަމަށެވެ. އެގޮތުން މިނިވަން މުއައްސަސާތަކާއި ޝަރުއީ ނިޒާމްގެ މައްޗަށް ބާރު ފޯރުވުމާއި މަޖިލީހުގައި ތަޅު އަޅުވާފައިވާ ކަމަށް ވިދާޅުވި އެވެ.
އާންމުން ބޭއްވި ހިނގާލުމަކަށް ފުލުހުން ހުރަސް އަޅަނީ: ކޮންމެ އެއްވުމެއް ފުލުހުން ނަގަނީ ސަރުކާރަށް އޮތް ޗެލެންޖެއްގެ ގޮތުގައި
ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހުއްޓުވާލައި ސިޔާސީ ޕާޓީތަކުގެ ދައުރު ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ހަވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން ކަމަށް ވިޔަސް މައުމޫންގެ ވެރިކަމުގައި ގެންގުޅުއްވި ވަކި ފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތު މިހާރު ނުފެންނަ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ސަރުކާރުން ދަނީ ކުރީގެ ރަހުމަތްތެރި އެތައް ގައުމަކާ ދުރަށް ކަމަށް ވެސް އިދިކޮޅު ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
ހަސަން ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ "ޚާރިޖީ ސިޔާސަތު ވިއްކާލީ"، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި އެވެ.

ވައުދުތަކުގެ ބަދަލުގައި އަނިޔާވެރިކަން

ސަރުކާރުގެ ތެރޭގައި ހަމަނުޖެހުން އުފެދި އިދިކޮޅު ފަރާތްތަކާ ގުޅުނު ޕީޕީއެމްގެ މެމްބަރުން ބުނަނީ މިއަދު ސަރުކާރުގެ އަމަލުތައް ހުރީ ޕީޕީއެމުން ރައްޔިތުންނަށް ވައުދުވި ގޮތަށް ނޫން ކަމަށެވެ.
ޕީޕީއެމްގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް އިންތިހާބްވި މެމްބަރު މުހައްމަދު އަމީތު ވިދާޅުވި ގޮތުގައި ޕީޕީއެމް ވެރިކަމަށް އައީ ފޮނި އުންމީދުތަކާ އެކު ނަމަވެސް ހަަތަރު އަހަރު ވީ އިރު ބައެއް ވައުދުތަކުގެ މަތިން ސަރުކާރުން ވަނީ ހަނދާން ނެތިފަ އެވެ.
އޭނާ ނެންގެވި އެއް ޕޮއިންޓަކީ ތިން އަހަރު ތެރޭގައި ދައުލަތުގެ ބަޖެޓްގެ ދަރަނި ސުމަކަށް ހައްދަވާނެ ކަމަށް ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެވެ. ދަރަނި ކުޑަވުމުގެ ބަދަލުގައި، އަމީތު ވިދާޅުވީ، ދަރަނި ދަނީ ބޮޑުވަމުން ކަމަށެވެ. އެގޮތުން މި އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހެޅި އިރު ލިބުނު މައުލޫމާތުތަކަށް ބިނާކުރައްވާ، އަމީތު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ފިނޭންސް މިނިސްޓަރު މުނައްވަރު: ރާއްޖޭގެ ދަރަނި އަންނަނީ ބޮޑުވަމުން
އޭނާ ވިދާޅުވި ގޮތުގައި އިގުތިސާދީ ގޮތުން ހާސިލްކުރައްވާނެ ކަމަށް ރައީސް ޔާމީން އިއުލާންކުރެއްވި އެހެން ބައެއް ކަންކަން ވެސް ހުރީ އެ މިސްރާބަކަށް ނޫނެވެ. އެގޮތުން ގައުމީ މުއްސަނދިކަން 6500 ޑޮލަރުން 12،000 ޑޮލަރަށް ހައްދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެ ލަނޑުދަނޑި ހާސިލްނުވެ، ދައުލަތް ދަނީ ދަރަނިވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަހު ދެ އަހަރަކީ ބަޖެޓު އަރަނިކޮށް ހިންގާނެ ދެ އަހަރު ކަމަށް ވައުދުވެވަޑައިގެންފައިވީ ނަމަވެސް މިއަދު ވިދާޅުވީ އަދި އެއް ދައުރު ބޭނުންވޭ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެތައް ވައުދެއް ނުފުދުނު އިރު ރައީސް ޔާމީންގެ ވެރިކަމުގައި ފެންނަނީ އަނިޔާވެރިކަމެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރަށް ޗެލެންޖަކަށް ވާ ކޮންމެ މީހަކު ޖަލަށް ލައި، ގޯސް ތުހުމަތުތައްކޮށް ޝަރީއަތް ހިންގަނީ، ވައުދުތައް ފުއްދޭނެ ގޮތެއް ނެތުމުން، ސަރުކާރު ދަމަހައްޓާށެވެ. މިހާރު ސަރުކާރުން މަސައްކަތްކުރަނީ ބިރުދައްކައިގެން ރައްޔިތުން މައިތިރިކޮށްފައި ބޭތިއްބުމަށް ކަމަށް އެ މީހުން ބުނެ އެވެ.
ދެން އޮތީ ރައީސް ޔާމީންގެ ފުރަތަމަ ދައުރުގެ ފަހު އަހަރެވެ. ފުއްދަން ޖެހޭ ގިނަ ވައުދުތަކެއް އެބަ ހުއްޓެވެ. އެހެންކަމުން މިހާރު ސަރުކާރުން ބުނަމުން އަންނަނީ މަޝްރޫތައް ނިންމަން އަދި އެއް ދައުރު ބޭނުންވާ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ރައްދަކީ "އަނިޔާވެރި، ކޮރަޕްޝަން ބޮޑު" ސަރުކާރަކަށް އެ ފުރުސަތު ނުދޭނެ ކަމެވެ.
Ads go here

Comments